ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްހުލުވުމަށް އިދިކޮޅުއެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރައްވައި، އަލީ ހުސެއިން އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އޮނިގަނޑާވެސް ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.

އެހެންކަމުން އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާއިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަލަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް، ގާނޫނުއަސާސީ އާއި މުޅި ދިވެހި ދައުލަތް އެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރުމުގައި މީގެ ކުރިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުތަކާ ހިލާފަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.

އެހެންވެ، އިސްލާހު ބާތިލު ކުރުމަށް އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ތަދައްހުލުވުމަށް ނިންމާފައިވާކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް އިން ވެސް ވަނީ އެ މައްސަލައަށް ތަދައްހުލުވާން ނިންމި ކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ.