ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ފަސޭހަ ކުރުމަށް މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް ހުޅުވާލި މުބާރާތުން އެއް ވަނަ އަށް ހޮވުނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ހަދާފައިވާ ޑިޒައިންތަކެއް ކަމަށް ތުހުމަތު ކުރެވުމުން، އަލުން ޑިޒައިންތައް ރިވިޔު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީ އިން ބުނީ އެއްވަނައަށް ދިޔަ މޮނިއުމެންޓު ތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން އެ ޝަކުވާ އިތުރަށް ބަލައި، ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މޮނިއުމެންޓުތައް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ ހަތް ފަރާތަކުން ޑިޒައިން ހުށަހެޅިއެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން ހުށަހެޅުންތަކުގެ މެދުގައި ވަނަ ހޮވާފައިވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ކަމަށެވެ.
އަދި އެ ކޯޕަރޭޝަނުން ކުރާ ހުރިހާ މަސައްކަތްތަކަކީވެސް ރައްޔިތުންނަށް ދެފުށް ފެންނާނެ ފަދައިން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް ހެދުމަކީ، އެ ކޯޕަރޭޝަންގެ އަމާޒު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީ އިން ބުނީ މި މުބާރާތުގެ މަގްސަދަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، ”ދިވެހީންގެރާއްޖެ“ ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން ކަމަށެވެ.
އެޗްޑީސީ އިން ވަނީ އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ (100،000ރ.) ފައިސާގެ އިނާމެއް ވެސް ހުށަހަޅާފައެވެ.


ފަޒުލް ހޮވީމާ އެއިތީ ޕްރޮފެސަނަލް ބެންޗަށް ވެފައެވެ. އަނގަ ގޮއްވަން ނޫޅޭށެވެ.