މަސްތުވާތަކެތީގެ މައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނި ކަންކަން ކަމުގައެވެ.

”އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ.“ ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ، މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުން މިދާ މަސައްކަތްތަަކަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފައެވެ.