”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ދޭނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން އަނެއްކާ ވެސް ކަށަވަރު ކޮށްދީފިއެވެ.
ކުރީ ސަރުކާރުން އެ ސްކީމްގެ ދަށުން ފުލެޓުތައް ދިނުމުގައި ރައްޔިތުންގެ މަޖިލީހުންގެ މެންބަރުން ނުފޫޒު ފޯރުވާ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށާއި ފުލެޓުތައް ދޭނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމަށް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެއެވެ.
އެ ހަބަރުތައް ދޮގުކުރަމުން މިނިސްޓްރީން ބުނީ އާންމުންގެ ހިތްތަކުގައި އެ މިނިސްޓްރީއާ މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އާއި، އެ ސްކީމާ ގުޅިގެން ކުރިއަށްގެންދާ ރީ އިވެލުއޭޝަންގެ މަސައްކަތަށް މަޖިލިސް މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ހަބަރުތައް ފަތުރާ ކަމަށެވެ.
”މި ސްކީމްއާ ގުޅިގެން ކުރިއަށްދާ ރީ އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. މި މިނިސްޓްރީގެ މަގުސަދަކީ މި ސްކީމުގެ ދަށުން ފުލެޓުތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެން ދިއުމެވެ.“ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ހައުސިން މިނިސްޓްރީން އިތުރަށް ބުނީ އެ މަސައްކަތަކީ ގިނަ އަދަދެއްގެ ރައްޔިތުންނެއްގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށްވާތީ، އެކަމުގައި މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއްނެތި، ސިޔާސީ ބޭނުމަށް ހަގީގަތާ ހިލާފު ހަބަރު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކުރީގެ ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓެއް މިމަހުގެ ކުރީކޮޅުގައި ނެރެ، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވީ ނަމަވެސް، ލިސްޓު ނެރުން ވަނީ ފަސްކޮށްފައެވެ.
ހައުސިން މިނިސްޓްރީން ލިސްޓު ނެރުން އަނެއްކާވެސް ފަސްކޮށްފައިވަނީ އެ މަސައްކަތަށް އިތުރު ވަގުތު ބޭނުންވާތީއެވެ.

