ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައި އޮތުމުގެ ނަތީޖާއަކަށް ވެގެންދާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދިޔުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ގާނޫނަކުން އިތުރަށް ވަރުގަދަ ކުރުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ސްޓޭކްހޯލްޑަރުންގެ ހިޔާލަށް ހުޅުވާލައިފައެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށް އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މި ގާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެން ދާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދިއުން ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދީ ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

