ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާތީ އެކަމާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ހިންގައި ރައްޔިތުންނަށް އެކަމުގެ ހަގީގަތް ހާމަކޮށްދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި، އެ އެޖެންސީން އެދިއްޖެއެވެ.
އެންސްޕާ ހިންގަން އިމާރާތެއް ކުއްޔަށް ހިފުމާ ގުޅޭ ގޮތުން ފަތުރާ ވާހަކަތަކާ ގުޅިގެން އެ އެޖެންސީން ނެރުނު ބަޔާނުގައި ވަނީ އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ މާލީ ވުޒާރާ އާއި އެންސްޕާއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުގެ ތެރެއިން ކުރެވިފައިވާ މުއާމަލާތެއް ކަމަށެވެ.
އަދި އެ މައުލޫމާތްތަކަކީ މާލީ ވުޒާރާގެ މަންސަތަކުން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ މައުލޫމާތުތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެންސްޕާއިން ބުނެފައި ވަނީ އެ އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދައި، އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައި ވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
”ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުން، މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުން ދިޔުން ކުށްވެރިކުރަން. މިފަދަ މައުލޫމާތު ފަތުރާ ފަރާތްތަކުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަން،“ އެންސްޕާގެ ބަޔާނުގައި ވެއެވެ.
އެހެންވެ އެ އެޖެންސީއާ ގޮތުންނާއި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ މެދު މިނިވަން ތަހުގީގެއް ހިންގަވައިދެއްވައި އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ވެސް އެންސްޕާއިން ބުންޏެެވެ.
”ވީމާ މިކަމާ ގުޅޭ ގޮތުން ތިޔަ ކޮމިޝަނުން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންގޮސްދެއްވުމަށް ފަހު އެ ރިޕޯޓް ވީއެންމެ އަވަހަކަށް މި އެޖެންސީއާ ހިއްސާކޮށްދެއްވުން އެދެމެވެ.“ އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސް ކުރައްވައި އެންސްޕާ އިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.