އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަގެ މަރާ ގުޅިގެން، އޭނާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސޮއިކުރައްވަފިއެވެ.

Ads by Asuru

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ އެ ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު 2 ވަނައިގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައެވެ.

އަދި، އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ހިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ރައީސް ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހްތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު 2 ވަނައާ މުހާތަބްކޮށް ”ރާނީ“ އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފައެވެ.

އަދި، އެކަމަނާއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ގައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުސަތު ދެއްވި ބޭކަނބަލެއްކަން ވަނީ އެ ބަޔާނުގައި ރައީސްގެ ދެކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.