މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ސަރަހައްދުތަކަށް މި ދުވަސްވަރު ވައިނުސާފުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާ އެއްކޮށް ރާއްޖޭގެ ވައި ނުސާފުވެފައިވާއިރު ،ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައި ކަމަށެވެ.

އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައި ވަނީ ވިލިމާލެއަށެވެ.

ވައިގެ ތަޣައްޔަރުކަން ބަލާ މިންގަނޑުން އެ ރަށުގައި އުޅެނީ 94ގައެވެ. މާލެއަށް 82ގައި އުޅޭއިރު، ށ.ފުނަދޫއަށް އުޅެނީ 55ގައެވެ.

އެޗްޕީއޭއިން މިއަދު އެކްސްގައި ބުނެފައި ވަނީ، ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށެވެ.

އެގޮތުން ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި، ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމާއި، ތުއްތު ކުދިން ބޭރަށް ނުނެރުމާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ވައިނުސާފުވާ ވަގުތުތަކުގައި ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ.

މެޓް އޮފީހުން ވެސް ވަނީ ޑިސެންބަރު މަހާއި މާޗް މާހާއި ދޭތެރޭގައި އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.