ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްތަކާ ގުޅިގެން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުއޮޅިން ދަތުރު ނުކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެއާއި ތިލަފުއްޓާ ދެމެދު ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ގުޅީފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ތަނބުޖެހުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ، ބުރާސްފަތި ދުވަހުން ފެށިގެން ގުޅީފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުއޮޅި ބަންދުވާނެތީ، ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ހަމައެހެންމެ މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅި އަދި ވިލިމާލެއާ ގުޅީފަޅާ ދެމެދު ކަނޑުއޮޅިވެސް ބަންދު ކޮށްފައިވާތީ އެ ސަރަހައްދުންވެސް ދަތުރު ނުކުރުމަށްވެސް އަންގައިފައެވެ.