ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ފާހަގަކޮށްފައިވާ ނުރައްކާތައް ކުޑަ ކުރުމުގެ ގޮތުން،  ސަރުކާރުން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މި ސަރުކާރުން އަޅައިފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް ފާހަގަކޮށް، މޫޑީސްއިން މިއަދުވަނީ ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދަމަހައްޓައިފައެވެ.
ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް މޫޑީސްއިން އަންދާޒާކުރެއެވެ.
ނަމަވެސް ރާއްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަންޏާ ގުޅޭ ގޮތުން މި ފަހަރު ވެސް އޮތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މޫޑީސްއިން އަލިއަޅުވާލާފައިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް ތަންފީޒުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.

އަދި ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން އިގުތިސާދު ފުޅާވެ، މާލީ ގޮތުންނާއި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވިކަން ގާއިމް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ގަވައިދާއެކު، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ބޭރު ފައިސާ ތިޔާގިވެ، ރިޒާވް އިތުރުވާނެ ކަމަށް އެ ބަޔާނުގައިވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވަލޮޕްމަންޓަލް ފީ ބޮޑުކުރުމާއެކު ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ ދަތި އިގުތިސާދީ ހާލަތުން އަރައިގަތުމަށް ޓަކައި ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހު ކުރުމާއެކު ޑެފިސިޓްތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.