ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއްވީއިރު، ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި ވަރަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، އެއް އަހަރުގެ ތެރޭގައި ހާސިލު ކުރެވުނު ކަންކަމުގެ ދިގު ލިސްޓެއް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެދެއްވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލު، އޭގެ ހަގީގީ މާނައިގައި، ޓާޝަރީ ފެންވަރުގައި ހުޅުވިގެން ދިޔުމަކީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައެވެ. އެ ތަނުގައި ގާއިމު ކުރި ފާޓިލިޓީ ސެންޓަރުން މިހާރު ވެސް އެތައް ބަޔަކު ދަނީ ހިދުމަތް ހޯދަމުންނެވެ.

”ހުޅުމާލެ ހޮސްޕިޓަލަކީ ވެސް، މި ހުރިހާ ދުވަހު ގްރޭޑް 2ގެ ލެވެލްގަ ހިދުމަތް ދެމުން ދިޔަ ހޮސްޕިޓަލެއް، ނަމަވެސް އެ ހޮސްޕިޓަލު ވެސް، ޓާޝަރީ ލެވެލްގެ ހިދުމަތެއް ދެވޭ ފެންވަރަށް ފުރިހަމަކޮށް ޓާޝަރީ ފެންވަރަށް ހުޅުވިގެން ދިޔަ ދިޔުން، އެއީ ހަމަ ވަރަށް އުފަލާއެކީގައި، މި ފާއިތުވި އެއް އަހަރުގެ ތެރޭގައި ހާސިލު ކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށް ފާހަގަކޮށްލަން ބޭނުން.“ ހަލީމް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، މި ސަރުކާރުން ވަނީ ހުޅުއްވައިދެއްވައިފައި

މާލެ ގްރޫޕް އޮފް ހޮސްޕިޓަލުގެ ދަށުގައި ހިމެނެނީ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލެވެ.

މި ތަންތަނުން މާލޭގެ އިތުރުން މުޅި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިދުމަތްތައް ހޯދާއިރު، އެ ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ރައީސް މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ކުރެވިފައިވާ ބައެއް ކަންކަމަށް ހަލީމް ވަނީ އަލިއަޅުވައިލައްވައިފައެވެ.

 

ދަރުމަވަންތަ ހޮސްޕިޓަލު ވެސް ޓާޝަރީ ފެންވަރުގައި، އައު ހިދުމަތްތަކާއެކު ވަނީ ހުޅުވައިފައި

އައިޖީއެމްއެޗުގެ އީއާރްގައި ޝޯޓް ސްޓޭ ޔުނިޓެއް ގާއިމު ކުރުން: 

އައިޖީއެމް ހޮސްޕިޓަލުގެ އީއާރްގެ ލޯޑު ކުޑަ ކުރުމަށްޓަކައި، އެ ހޮސްޕިޓަލުގައި ޝޯޓް ސްޓޭ ޔުނިޓެއް މި އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ގާއިމު ކުރެވިފައިވެއެވެ.

އެއީ އައިޖީއެމް ހޮސްޕިޓަލުން އަވަސް ހިދުމަތް ހޯދަން ވަންނަ މީހުން މަޑުކޮށްލުމަށް ގާއިމުކޮށްފައިވާ ޔުނިޓެކެވެ.

ހަލީމް ވިދާޅުވީ، އެ ޔުނިޓުން މިހައިތަނަށް 6938 މީހުންނަށް ހިދުމަތް ދެވިފައިވާ ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލުން މާލެއަށް، ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުން:

މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު، ވިލިމާލެ ހޮސްޕިޓަލުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ވެސް ފެށިފައިވާކަން ހަލީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން، ވިލިމާލެއިން މާލެއަށް ފަރުވާއަށް މީހުން ގެނައުމުގައި ލުއިފަސޭހަތައް ލިބިގެންދާނެކަމަށާއި، ފެރީއަކަށް މަޑު ކުރަން ނުޖެހި، އަވަހަށް ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިގޮތުން މިހާތަނަށް 142 ދަތުރު، ވިލިމާލެ ހޮސްޕިޓަލުން މާލެއަށް ކުރެވިފައި އެބަހުރި.“ ހަލީމް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ލެޕްރޯސްކޯޕިކް ސާޖަރީގެ ހިދުމަތް ފެށުން:

މި އަހަރުގެ މާޗު މަހުގައި ހުޅުމާލެ ހޮސްޕިޓަލުގައި ލެޕްރޮސްކޯޕިކް ސާޖަރީގެ ހިދުމަތް މުޅިން އަލަށް ވަނީ ފެށިފައެވެ. މި ހިދުމަތް ފެށިފަހުން މިހާތަނަށް 102 ސާޖަރީ ހެދިފައިވާކަމަށް ހަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ތިއޭޓަރ ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުން:

ިމި އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު، އައިޖީއެމްއެޗުގެ ތިއޭޓަރ ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެވިފައިވެއެވެ. ހަލީމް ވިދާޅުވީ، އައިޖީއެމްއެޗުގެ ހަތަރު ތިއޭޓަރު ކުރިން ބޭނުން ނުކުރެވޭ ކަމަށާއި، ބައެއް ސާޖަރީތައް ކުރަމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ.

”މި ތިއޭޓަރ ކޮމްޕްލެކްސްގައި ވެސް މިހާތަނަށް 1401 ސާޖަރީ ވަނީ ހަދާފަ.“

އައިޖީއެމްއެޗުގައި މެޑިކަލް އެއާގެ އައު ޕްލާންޓެއް:

ހަލީމް ވިދާޅުވީ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމް ހޮސްްޕިޓަލުގައި ބަލި މީހުންނަށް އޮކްސިޖަން ދިނުމަށް މެޑިކަލް އެއާގެ އައު ޕްލާންޓެއް ވެސް ގާއިމު ކުރެވިފައިވާ ކަމަށެވެ

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ހާއްސަ އީއާރްއެއް ގާއިމު ކުރުން:

އައިޖީއެމްއެޗުން  އެކި ބަލިތަކަށް ފަރުވާ ހޯދާ ބޮޑެތި މީހުންނާ ވަކިން ތިބެވޭނެ ގޮތަށް، އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ އީއާރްއެއް އައިޖީއެމް ހޮސްޕިޓަލުގައި ގާއިމު ކުރެވިފައިވާކަން ވެސް ހަލީމް ފާހަގަކުރެއްވިއެވެ. އެ އީއާރް ގާއިމު ކުރެވުނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ކުޑަކުދިންނަށް ހާއްސަ އީއާރް އިން މިހައިތަނަށް 1396 ކުދިންނަށް ހިދުމަތް ފޯރުކޮށްދެވިފައިވެއެވެ.

ހަލީމް ވިދާޅުވީ މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ، ވަރަށް ބޭނުންތެރި ހިދުމަތެއްކަން އެ ރައްޔިތުންގެ ޝުއޫރުތަކުން ހާމަވެގެންދާ ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް ދަތުގެ ފަރުވާ ފެށުން:

ވިލިމާލެ ހޮސްޕިޓަލުގައި ރަސްމީކޮށް ދަތުގެ ފަރުވާގެ ހިދުމަތް ވެސް މުޅިން އަލަށް ފެށިގެން ދިޔައީ މި ވެރިކަމުގައި، ނިމިގެން ދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ވެސް ހަލީމް ވިދާޅުވެފައިވެއެވެ.

މާލެ ނައިސް، ވިލިމާލޭގެ ރައްޔިތުންނަށް ޑެންޓަލް ހިދުމަތް ހޯދޭނެ މަގުފަހިވެގެންދިޔައިރު، މިހާތަނަށް 45 ފަރާތަކުން އެ ހިދުމަތް ވަނީ ހޯދާފައެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ ތަރައްގީއަށްޓަކައި ހާސިލު ކުރެވިފައިވާ އިތުރު ކާމިޔާބީތަކަށް އަލިއަޅުވައިލައްވައި ހަލީމް ވިދާޅުވީ، މިދިޔަ މަހުގެ 16 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް އައިސީޔޫއަކާއި، އެންއައިސީޔޫއަކާއި ސީއެސްއެސްޑީ ޑިޕާޓްމަންޓެއް ގާއިމު ކުރެވިގެންދިޔަ ކަމުގައެވެ.