ފުވައްމުލަކު ސިޓީގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ރޭ ފުވައްމުލަކު ”ޝިވާ“ ގޭގައި ހިނގި މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އަދި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔާ ސްޓޭޝަނަށް ލިބިފައި ވަނީ ރޭ ރޭ 10:05 ހާއިރު ކަމަށެވެ.
އަދި އެއާއެކު އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

