އަދުގެ ސަރުކާރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން އާންމު މަސްލަހަތުތައް ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައެވެ.

ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންދާ ހަލުވި ތަރައްގީއާއި، މަސްނޫއީ ވިސްނުން ފުޅާވާމުން އަންނަ އައުމާއެކު ސައިބަރ ސަލާމަތީ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީއާއެކު ހަރުދަނާކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށާއި، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަތަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ހަގީގީ މާނައިގައި އަދާކޮށްގެން ކަމުގައި ވީ ހިނދު، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކުގައި އަމަލާއި ބަހުން ޝާމިލްވެ، ގައުމީ ތަރައްގީއަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ހައިބްރިޑް ހަނގުރާމައިން ދަފަރާވާން އަޅުގަނޑުމެންނަށް ކުރާންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ސައިބަރ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައި ވާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއެކު ގައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި، ގައުމީ މަސްލަހަތުވެރީންނާ، އެކުވެރި ގުޅުންތަކާއެކު އުހުއްވަތްތެރިކަމުގެ ވިޔުގައެއް ގާއިމުކުރެވެމުންދާ ކަމަށާއި، ދިވެހި އަސްކަރީ ބާރުވެރިކަމާއި، ދިވެހި ރައްޔިތުންނަށް ދެމުންދާ ސަލާމަތީ ހިދުމަތުގެ ދަންމަރު އެމަނިކުފާނު ގެންދަވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްވަމުންކަންވެސް ނައިބު ރައީީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.