ސިނގެރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމުން އެކަމަށް ފާޑު ވިދާޅުވެ، އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ، އެކަން ބަދަލު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރަން މި ސަރުކާރުން ވަނީ ނިންމަވައިފައެވެ.
ފައްޔާޒު ވަނީ ސިނގިރޭޓުން ޑިއުޓީ ބޮޑު ކުރި ކުރުމަށް ފާޑުވިދާޅުވެ، އެއީ ރައްޔިތުންގެ ސިއްހަތާ މެދު ކަންބޮޑުވެގެން ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ސިނގިރޭޓުގެ އަގުބޮޑު ކުރިޔަސް، އޭގެ އިސްތިއުމާލު ކުރާ މީހުން އެއާ ދުރަށް ނުދާނެ ކަމަށާއި، އެއީ ސަރުކާރަށް އެނގޭނެ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއީ އެމްޑީޕީގެ ވެރިކަމުގައި ބަދަލު ކުރާނެ ކަމެއް ކަމަށެވެ.
”އާދެ، އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ޔަގީންކަން އަރުވަން އަޅުގަނޑުމެންގެ ވެރިކަމެއްގައި އެފަދަ ގޮތަކަށް އެކަހަލަ އަމަލެއް ނުކުރާނެ ކަމާއި، އަދި އެގޮތަށް ހުރި ކަންކަން ބަދަލު ކުރާނެ ކަމާ.“ އޭނާ ވިދާޅުވިއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24 ގެ ދަށުން، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމާއި، މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން މިއީ، ދުންފަތުގެ ވިހަގަދަ މަސްތުން ދިވެހިން ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.