ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫއުއެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫއުއަކަށް އިހްތިރާމުކުރައްވާނެ ކަމަށާއި، އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމަވައިދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވާފައިވަނީ، އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އުކުޅަހުގައި ހުޅުވި މި ފުޓުބޯޅަ ދަނޑު، މިކަމުގެ ނަމޫނާއަކަށް ފުދޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމަވައިދެއްވާނޭކަމަށެވެ.

މީގެ އިތުރުން، ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެހަކަތައިގައި ވަރު ނެތްކަމުގައިވާނަމަ ދިވެހި ޤައުމު ނުހިނގާނޭކަން ފާހަގަކުރައްވަމުން، ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފައެވެ.

އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޮއިކުރައްވާފައިވެއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި، އުކުޅަހު ޒުވާނުންގެ ޓީމެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ރާފިޢު އަދި އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގަތެވެ.