ވިނަރެސް ޓަވަރުތަކުން ކާރު ޕާކު ކުރުމަށް ދޫކުރާ ޖާގަތައް ގަންނަން ދިން މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އިއްޔެ ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުތަކުގައި ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް މިދިޔަ މަހުގެ ސައްބީހުން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ވިނަރެސް ޓަވަރުތަކުން ޕާކިން ޖާގަތައް ދޫކުރުމަށް ނިންމާފައި ވަނީ ދެ ގޮތަކަށް ކަމަށެވެ.

އެއީ، އިމާރާތުގެ ތެރެއިން، ކާރު ރެޖިސްޓްރީކުރުމުގެ ހުއްދައާ އެކު، ޖުމްލަ 76 ޖާގަ އާއި އިމާރާތުގެ ބޭރުން ހަމައެކަނި ޕާކުކުރުމުގެ ބޭނުމަށް 78 ޕާކިން ޖާގައެވެ.

ޕާކިން ޖާގަތައް ވިއްކަނީ ވިނަރެސް ފްލެޓް ގަތުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ސޮއިކޮށްފައިވާ މައި-އެޕްލިކަންޓުންނަށް ކޮންމެ ފަރާތަކަށް 1 ޖާގައެވެ.

އަދި އެޗްޑީސީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އިމާރާތުގެ ތެރެއިން ވިއްކާ ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ 650،000 ރުފިޔާ ކަމަށެވެ. އަދި ޕާކިން ޖާގަ ގަންނަ މީހުންނަށް އެ ޖާގައަށް ކާރު ރަޖިސްޓްރީކުރުމުގެ ހުއްދަ ދޫކުރާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން އިމާރާތުގެ ބޭރުން ވިއްކާ ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ 2،000 ރުފިޔާއެވެ.

އެއީ ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާ ޖާގަތަކެކެވެ.