ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހަމާއެއާއެކު އީއައިއޭ ހައްދަވައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މި ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެބޭފުޅުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކުރައްވައި މި ރަށުގެ އިގްތިސާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން އެ ބޭފުޅުން ހިއްސާ ކުރެއްވިއެވެ.

މީގެ އިތުރުން ޑޮލަރު އޭޓީއެމްގެ ހިދުމަތް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެކަމަށެވެ.

އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.