ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައި ވަނީ ރައްޔިތުންގެ ދިފާއުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އ.އ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާކަން، ސިޔާސީ ތައައްސުބުތަކުން އެއްކިބާވެވަޑައިގެން ވިސްނެވި ކޮންމެ ރައްޔިތަކަށްވެސް ފަހުމުވެވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ތަފްސީލުކޮށްދެއްވަމުން ރައީސް ވަނީ، ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ މަގްސަދު، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އެންމެ އަކަ އިންޗިއަކަށްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓުގެ އިތުރުން، 143،332 ރައްޔިތުންގެ ރުހުމާވެސް އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް ގެނައި ބަދަލާއެކު، ދިވެހިރާއްޖޭގައި އަސްކަރީ އެންމެ ބޫޓު ޖޯޑެއް ހަރަކާތްތެރިވުމަށްވެސް، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދިނުންވެސް ވަނީ މަނާކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުތަކަށް ގެނައި ބަދަލުންވެސް ހިމާޔަތްކޮށްދެނީ ރައްޔިތުންގެ ހައްގުތައްކަމަށް ރައީސް ވިދާޅުވިއެވެ.
މެމްބަރުން އިންތިހާބުގައި ވާދަކުރަނީ ވަކި ފިކުރެއް ނުވަތަ ޕާޓީއެއް ތަމްސީލުކުރާ މީހެއްގެ ގޮތުންކަމަށާއި، އެހެންކަމުން، އިންތިހާބުވާ މެންބަރާ ދާއިރާގެ ރައްޔިތުންނާ ދެމެދު ވަނީ އަހުދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ އަހުދުގައި މެންބަރު އެއްބަސްވަނީ ގާނޫނު އަސާސީގައި ބުނާ މަސްއޫލިއްޔަތު އަދާކުރުމަށްކަމަށާއި، ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މެންބަރުން ވީ އަހުދު ހިމާޔަތްކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސްކުރަންޖެހޭ ހާލަތްތަކަށް ރިއާޔަތްކުރައްވަމުން، ފެންނަ ނުފެންނަ ވޯޓާމެދު ގޮތް ނިންމުމަށް، މަދު މީސްކޮޅެއްގެ މުށުތެރޭގައި އޮތް ބާރު، ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތަށް ގެނައި ބަދަލަކީވެސް، ދިގު ރާސްތާގެ އަދި ކުރު ރާސްތާގެވެސް ތަރައްގީގެ ޕްލޭންތައް ހެދުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރެވިފައި ނުވާތީ، އެކަމަށް ގެނައި އިސްލާހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

