ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

އީސީގައި ފުއާދުގެ ދައުރު ހަމަވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ.

އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރުކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން ދައުރު ހަމަވުމާ އެކު ފުއާދު ޖެހިވަޑައިގަތީ އެ ކޮމިޝަންގެ ވަޒީފާއިން ވަކިވެވަޑައިގަންނަވާށެވެ.

ފުއާދުގެ ދައުރު ހަމަވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކިންގްޑަމް އޮފް ތައިލެންޑްގެ ސަފީރުކަމަށް ފުއާދުގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އެއާއެކު ނޮވެމްބަރު 25 ވަނަ ދުވަހު އޮތް ޖަލްސާގައި އެ މައްސަލަ ދިރާސާކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.

އެއަށް ފަހު މި މަހުގެ ތިނެއްގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ތައިލެންޑު ސަފީރުކަމަށް ފުއާދުގެ ޝަރުތު ހަމަވާ ކަމަށް ނިންމައި، ނުވަ މެންބަރުންގެ ވޯޓާ އެކު ފުއާދު އެ މަގާމަށް އައްޔަނުކުރަން ވަނީ ރުހުންދީފައެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 58 މެންބަރުންގެ އިއްތިފާގުން ވަނީ ފުއާދު އެ މަގާމަށް އައްޔަނުކުރުމަށް ފާސްކޮށްފައެވެ.

ކުރިން 1978 ވަނަ އަހަރުން ފެށިގެން އެކިއެކި އިންތިޚާބުތައް ބޭއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން އަންނަ ފުއާދު އީސީގެ މެންބަރުކަމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ އާ ގާނޫނޫއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ކޮމިޝަނަށް 2008 ވަނަ އަހަރެވެ.