ހުރާ ބަނދަރު ނިންމަވައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަށް ކަމަށާއި އޭގެ އިތުރަށް ދެން އިސްކަންދެއްވާނެ ކަމަކީ ތައުލީމީ ދާއިރާއަށް ކަމަށާއި އަދި ހަމަ ތައުލީމީ ދާއިރާއެކޭ އެއްވަރަށް ސިއްހީ ދާއިރާއަށްވެސް އިސްކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ސިއްހީ ދާއިރާއިން ހުރާ ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން، ސިއްހީ މަރުކަޒު ތަރައްގީކޮށް، ސްކޭން ކުރުމާއި އިތުރު ވަސީލަތްތައް ގާއިމުކޮށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލާއި ގުޅިވަޑައިގެން، ރަށުގައި އޭޓީއެމ. މެޝިން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމާއި ހިސާބަށް ގެންދަވާފައިވާކަމަށާއި ހަމަ އެގޮތަށް އެހެން ކަންކަންވެސް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށާއި ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، މިއަންނަ 2025 އަދި 2026 ވަނަ އަހަރަކީ އެގޮތަށް ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށް ގެންދަވާނެ ދެ އަހަރުކަން، އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި މިއަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރު ނުފެށޭ މަޝްރޫއުތައް ޖެހިގެން އަންނަ 2026 ވަނަ އަހަރު ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މި ދެ އަހަރު ވެގެންދާނީ އިންތިހާބުގައި ވެވަޑައިގެންފައިހުރި ވައުދުތައް، އަމަލީގޮތުން ފުދިގެންދާނެ ދެ އަހަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

