ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް 2025 ވަނަ އަހަރު ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލެއަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމަކީ މި ސަރަޙައްދަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެގޮތުން ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގިފައިވީ ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އެއާއެކު ދެން އެންމެ އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާއާއި ސިއްހީ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ވިދާޅުވިއެވެ.
ހިންމަފުށީގައިވެސް މި ދެ ދާއިރާއިން ކުރަން ހުރި ކަންކަން ހުރިކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ސްކޫލްގެ ބައެއް ކަންކަން ކުރުމާއި ސިއްހީ ހިދުމަތުގެ އިތުރުކޮށް ފުޅާކުރަން ހުރި ބައެއް ކަންކަން ޕީ.އެސް.އައި.ޕީގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި، އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެތެރޭގައި ހިނގާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ގިނަ ރަށްތަކެއްގެ މަގުތައް ވަނީ ހަލާކުވެފައިވާކަން ފާހަގަކުރައްވައި، މަގު ހެދުމަށް ސަރުކާރުން ތަރުތީބުކޮށްފައިވަނީ އެންމެ ފުރަތަަމަ ފެނާއި ނަރުދަމާ އަޅައި، އެއަށްފަހު މަގުތައް ހެދުމަށް ކަމުގައި ވިދާޅުވިއެވެ.
އަދި ފެނާއި ނަރުދަމާ އަޅާފައިވާ ރަށްތަކުގައި އިސްކަންދެއްވާނީ މަގުތައް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތަށް، ގިނަ ރަށްތަކުގައި މައިމަގުތައް ހެދުމަށް އަންނަ އަހަރު އިސްކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އިގްތިސާދީ ގޮތުން ކުރިއަށްގެންދަން ރައްޔިތުން އެދޭ ކަންކަމުގެތެރެއިން ލޯކަލް ޓޫރިޒަމް، މަސްވެރިކަން، އަދި ދަނޑުވެރިކަން ފަދަ، މިހެން ހުރި އެކި ސިނާއަތްތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ކައުންސިލާއި މަޝްވަރާކޮށްގެން އަންނަ އަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހިންމަފުށީގެ ތަރައްޤީއަށްޓަކައި ވަރަށް ސަމާލުކަންދީގެން އަންނަ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް މުހިންމު ކަންކަމުގައި ޢަމަލީ ސިފަ ޖައްސަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ވަކިން އޮތް ރަސްމިއްޔާތެއްގައި، ވެމްކޯގެ ފަރާތުން ހިންމަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ގާއިމުކުރުން ރައީސް ވަނީ އިފުތިތާހުކޮށްދެއްވާފައެވެ.

