އަންނަ އަހަރު ރާއްޖޭގެ ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ކ.ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިންނަށް ތެޔޮ ލިބުމުގައިވެސް ދަތިތައް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ ނޮވެންބަރު މަހުގެ ކުރީކޮޅު ޕްރޮގްރާމެއް އިއުލާނުކޮށްފައިކަން ފާހަގަކުރައްވައިފައެވެ.

”އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު، އަތޮޅުތެރެއިން ކޮންމެވެސް އެއްތަނެއްގައި، ކޮންމެ އަތޮޅެއްގައިވެސް ގާއިމުކުރުމުގެ ވައުދު ފުއްދުމުގެ ޕްރޮގްރާމް. އެއީ، އަޅުގަނޑުގެ ވައުދެއް. އެހެންނަމަވެސް، އެ ވައުދަކީ އެ ދުވަހު އެ އިއުލާނުކުރި ގޮތަށް މި އަންނަ އަހަރުގެ ތެރެއަށް ބަހާލެވިގެން، ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގައި އެސްޓީއޯގެ ސްޓޭޝަން ހެދި، އެ ތަނުން ހިދުމަތްދޭން ފެށޭނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ 2025 ނިމޭއިރު އެމަނިކުފާނު ވައުދުވީ ގޮތަށް، މުޅި ރާއްޖޭގައި، ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމުގެ ހައްލަށް އިތުރު މަސައްކަތްތައް ވެސް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން މާދަމާއިން ފެށިގެން، އެސްޓީއޯގެ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ސައިޓްތަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމުގައި ވިދާޅުވިއެވެ.

”މާދަމާއިން ފެށިގެން ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫސިޓީ ހުޅުމީދޫ. މި ހަތަރު ރަށުން އެސްޓީއޯ ނޫނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ސައިޓްތަކުން، މާދަމާއިން ފެށިގެން، އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ މަސްވެރިންނަށް.“ ރައީީސް ވިދާޅުވިއެވެ.