މަސްވެރިން ކުރާ ހިތްމަތުގެ އަގު އިހްތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް ވިދާޅުވީ ވާރޭއާއި އަވީގައި ރެއާއި ދުވާލު ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިތްމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
މަސްވެރިންގެ ދުވަސް ބައްދަލުކުރިއިރު، ރައީސް މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް މަސްވެރިންނަށް މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.
އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެށި ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

