މީހުން މެރުމާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވިދާޅުވެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު އަމީން ހަވަރަށްދީ އަވަހާރަކޮށްލި ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ދިފާއު ކުރައްވާ ދެއްކެވި ވާހަކައިގެ ވީޑިއޯ ހިއްސާ ކުރައްވަމުންނެވެ.
އިހްސާންގެ ޕޯސްޓްގައި ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށެވެ.
ނަމަވެސް މި ހައްގުގެ ބޭނުންކުރަން ވާނީ ޒިންމާދާރުކަމާ އެކުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމުގައިު ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމަށެވެ.
”ގާނޫނުތަކާއި ހިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއް،“ އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު، ހދ. ކުޅުދުއްފުށީގައި މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދެއްކި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައްޔިތުން ނިކުމެ ރައީސް އަމީން ހަވަރަށްދީ އަނިޔާކޮށް އަވަހާރަކޮށްލި ހާދިސާ ސިފަކޮށް އެގޮތް ރައީސް މުއިއްޒަށްވެސް ހަދަންވީ ކަމަށް ބުނެފައިވެއެވެ.

