އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް ޔޫއޭއީއާއި ތައިލެންޑުގެ ދެ ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާސަންދައިގެ ދަށުން ޔޫއޭއީއާއި ތައިލެންޑުން ހިދުމަތް ދެވޭނެ އިންތިޒާމް ހަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫއޭއީގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ދެ ހޮސްޕިޓަލާއެކުގައެވެ.

އެގޮތުން ހިދުމަތް ފެށުމަށް އަބޫދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު ބެންކޮކް ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާއެވެ.

ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15އިން ފެށިގެން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އެ ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ބުނެއެވެ.