ދިވެހިރާއްޖެއިން އަބަދުވެސް އިންސާނީ ހައްގުތަކުގެ އުސޫލުތައް ނަގަހައްޓައި، ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އިންސާނީ ހައްގުތައް ނަގަހައްޓާ، ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައި މިވަނީ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ހައްގުތަކަކީ ގުޅިލާމެހިފައިވާ ހައްގުތަކެއްކަން ހަނދާންކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ކަރާމާތާއި ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމު ކުރުން ކަމުގައި ވާހިނދު، އެފަދަ މުޖުތަމައުއެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ތަފާތު، ހާއްސަ ކަމެއް ލިބިފައިވާ ގައުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ވެއްޓަށް ފެތޭ ގޮތަށް ސިއްހީ ހިދުމަތާއި، ތައުލީމާއި، އަދުލު އިންސާފުގެ ހަމަހަމަކަން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލައި، އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ، ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ޤާއިމުކޮށްދެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

