މީހަކަށް އަނިޔާދިނުމަށް ހިތްވަރުދީ ވާހަކަތައް ދެއްކުމަކީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްކަން ފާހަގަކޮށް، އެ އަމަލު ހިންގި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އަށާއި އާންމު މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ކޮންގްރެސް ޕާޓީން ގޮވައިލައިފިއެވެ.

މިކަމާ ގުޅިގެން ޕީއެންސީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ކުރީގެ ރައީސް އަމީން އަވަހާރަށްކޮށްލާފައިވަނީ އެމަނިކުފާނާއިމެދު ބަޔަކު މީހުން އުފެއްދި ނަފުރަތެއްގެ ސަބަބުން ކަމުގައެވެ.

އެގޮތުން އެމަނިކުފާނު ބޭރުގައި ހުންނެވުމަށްފަހު ރާއްޖެއަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ ޖިސްމާނީ އަނިޔާތަކެއް ދީ އަވަހާރަކޮށްލިކަމަށާއި އެފަދަ ގޮތަކަށް ރައީސް ޑރ މުއިއްޒުއާއިމެދު އަމަލުކުރުމަށް ހިތްވަރުދީ އެމްޑީޕީގެ ލީޑަރޝިޕުން ދައްކާފައިވާ ވާހަކަތައް ޕީއެންސީއިން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.

ރައީސް އަމީން އަވަހާރަކޮށްލުމަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި އަނދިރި ދުވަސްތަކެއް ކަމަށާއި މިއަދު ގާއިމުކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ މަގުސަދަކީ ސިޔާސީ މަސައްކަތްތަކުގެ ތެރެއަށް އަނިޔާވެރިކަމާއި ހަމަނުޖެހުން އަދި ނަފްރަތު ވަނަނުދީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކުރުންކަމަށް އެ ޕާޓީން ބުންޏެވެ.

އެ ނިޒާމަކީ އިހުޒަމާނުގައި ދިވެހި ސިޔާސީ މަސްރަހުގައި ފެނުނު އަނިޔާވެރި އަމަލުތައް ފެނިގެންނުދާކަން ކަށަވަރުކުރުމަށްޓަކައި ތަރުތީބު ކުރެވިފައިވާ ނިޒާމެއްކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.

އެހެންކަމުން އެ ނިޒާމުގެ އަސާސްތަކާއި ހިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ، ޕާޓީގެ އާންމު މެމްބަރަކު ޕާޓީގެ ޕޯޑިއަމްއެއްގައި ދެއްކި ވާހަކައެއް ކުށްވެރިކުރުމުގެ ބަދަލުގައި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެކަމަށް ހިތްވަރުދީ ވާހަކަތައް ދެއްކުމަކީ އޭނާ ހިންގި ނުރައްކާތެރި އަމަލެއްގެ ގޮތުގައި ދެކޭކަމަށް ބުނެފައިވެއެވެ.