މަސްތުވާތަކެތީގެ ވިޔަފާރިއަށް ހަރަދު ކުރާ ފަރާތްތަކަށާއި އެ ވިޔަފާރީގައި އުޅޭ މީހުންނަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ބިލަކީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ދިނުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ފަރުވާއެއް ދިވޭނެ ނިޒާމެއް ހަމަޖެއްސުން ވެސް މި ބިލުގެ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ހިޔާލު ހުށަހެޅުމަށް ޖުޑީޝަރީ ކޮމިޓީގެ އީމެއިލް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅިދާނެއެވެ.

ބިލުގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ދޫކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި، އެކަމަށް 5 އަހަރުގެ ޖަލު ހުކުމަކާއި 50,000 އާއި 100,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅުމާއި މަސްތުވާތަކެތި ބޭނުންކުރުމަށް ތަނެއް ހުއްދަކުރުމަށް މަގުފަހިކުރާ ފަރާތްތަކަށް 10 އަހަރުގެ ޖަލު ހުކުމަކާއި 100,000 އާއި 200,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ފައިނޭންސްކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި، އެކަމަށް 20 އަހަރުގެ ޖަލު ހުކުމަކާއި 200,000 އާއި 1,000,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅުން ހިމެނެއެވެ.