ހައުސިން މިނިސްޓްރީއާއި އެންވަޔަރްމަންޓް މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފްލެޓް ލިސްޓު އަނދާ ހުލިވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، ފްލެޓް ލިސްޓަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއް ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓު ލިސްޓަށް އަސަރެއް ނުކުރާކަމުގެ ޔަގީންކަން މިނިސްޓްރީން ދިނެވެ.

ހައުސިން މިނިސްޓްރީން ބުނީ، މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި ހާދިސާގައި މިނިސްޓްރީގެ މުވައްޒަފަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ނޭނގެއެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރަށް 50 އަށް ގިނަ މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.

 

(ތަފްސީލު އަންނަނީ….)