‏ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ”‏ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން އަޅާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓާއި، ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މ.ގްރީން ބިލްޑިންގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ފްލެޓު ލިސްޓާއި ގެދޮރުވެރިކަމާ ގުޅޭ މައުލޫމާތުތައް ރައްކާ ކުރަމުން އައީ ކްލައުޑްގައި ކަމަށެވެ.

”އެހެންވީމަ، އަދި ސާވާއަށް ގެއްލުމެއް ލިބުނަސް، އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބެން ހުންނާނެ ކްލައުޑުން.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާ ސަލާމަތް ނުކުރެވުމުން، އޭގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އެއްކޮށް ގެއްލިފައިވާ ކަމަށެވެ.

”ސާވާ އަށް އެކްސެސް ނުލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ. ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި އެ ދިޔައީ. އެހެންވީމާ އެއީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް،“ ހައިދަރު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ފްލެޓް ލިސްޓަށް އަސަރު ނުކުރާކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއިރު، ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގައި އަލިފާން ރޯވުމުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް ވަނީ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓް ލިސްޓާއި ބިންވެރިޔާ ސްކީމުން ދޫކުރާ ލިޔުންތަކަށް އަސަރު ނުކުރާ ކަމުގެ ޔަގީންކަން ދީފައެވެ.

އެ މިނިސްޓްރީން އެ ބަޔާނުގައި ބުނީ ހައުސިން ސްކީމްގެ ލިޔެކިޔުންތައް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ އަލިފާނުގެ ހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.