ރާއްޖެ އިން ޗައިނާ އަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. ފަޒީލް ނަޖީބު ސަފީރުކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުން އޮތީ ބެއިޖިންގ ގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި އޮތް ހާއްސަ ރަސްމިއްޔާތެއް ގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ލޮބުވެތި ދިވެހި ރައްޔިތުން ގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާ ގެ ރަހުމަތްތެރި ރައްޔިތުންނަށް އެންމެހެޔޮ އެދުންތަކާއި ވެދުމާއި ސަލާން ވެސް އަރިސްކުރައްވާފައެވެ.
ސަފީރުގެ މަގާމާ ފަޒީލް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް ޝީ ޖިންޕިން ތަހުނިޔާ ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި އަނބިކަނބަލުން އާމިނަތު ފަރީޝާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

