އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަހައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ހައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.
އަދި އެ އިސްލާހުތައް ގެނެސް، އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، މިއަދު ތަސްދީގު ކުރެއްވި ބޭރުފައިސާއާ ބެހޭ ބިލަށްވެސް އިޝާރާތްކުރައްވައިފައެވެ.
އެގޮތުން، މި ބިލަށް އަމަލީ ސިފައެއް އައިސް، މި ބިލުގައި ވާގޮތުން ޑޮލަރު މާރުކުރެވެން ފެށުމުން، ކްރެޑިޓް ކާޑު ލިމިޓް ޑަބަލްކުރެވުން ފަދަ ފައިދާތައް އާންމު ރައްޔިތުންނަށް ލިބޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތްވެސް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

