އދ. ދަނގެތީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް ތަކްލީފުތަކެއްގެ ތެރެއިންވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ބަނދަރުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް، 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު އދ. ދަނގެތީގެ ރައްޔިތުންނަށް، މި ޔަގީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން،ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ  ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ހުށަހެޅުންތައް ވީވަރަކުން ފުރިހަމަ ކުރެވޭ ފަދަ ގޮތަކަށް ކަމަށާއި، މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ދަނގެތީގައިވެސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނގެއްޗަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު އޮތީ ބިން ހިއްކައިގެން ކަމަށް ވާ އިރު، ފުރުސަތު އޮތް މިންވަރަކުން 2025 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށާ، ނޫން ނަމަ 2026 ވަނަ އަހަރަކީ ދަނގެތީގެ ފަޅުތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަވާދެއްވާ، ގޯތި ދޫކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަވާދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަ މިފަދައިން، ތައުލީމާއި، ސިއްހަތުގެ ދާއިރާއިން ދަނގެއްޗަށް ބޭނުން ވެފައިވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށާ، އަރިއަތޮޅު ދެކުނު ބުރީ ދަނގެތި ފަދައިން އެ އަތޮޅުގެ އެހެން ރަށްރަށަށްވެސް ދިމާވެފައި އިޖުތިމާއީ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެގޮތުން ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން، ދީނީ ކަންކަމާއި ކުޅިވަރުގެ ރޮނގުން މަޝްރޫއުތައް ހިންގަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަކިން ހާއްސަކޮށް ދަނގެތީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އޮތް ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.

އަދުގެ ސަރުކާރުން މި ހުރިހާ ކަމެއްވެސް ކުރައްވަނީ ވަޅުޖެހިފައި އޮތް އިގްތިސާދެއް ނަގާ ކޮޅަށްޖަހަމުން ކަމަށާ، ރައްޔިތުންގެ މާލީ ތަނަވަސްކަން އިތުރުކުރުމުގެ އަމާޒަށް ވާސިލުވަނީ ފައިސާ ޗާޕުކުރުމަކާ ނުލާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަޝްރޫއުތައް ހިންގެވުމުގައި ކުޑަރަށެއް، ބޮޑުރަށެއް ތަފާތު ނުކުރައްވާނެ ކަމަށާ، އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.