އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރނ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ އަހަރަށް ސަރުކާރުން ފާސްކުރައްވާފައިވާ ގެދޮރުވެރިކަމުގެ ބަޖެޓަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭކަމަށެވެ.

އަދި މަހިބަދޫގެ އިހުތިސާސްގައި ހިމަނުއްވާފައިވަމާ މާފަރު ފަޅުހިއްކައި ތަރައްޤީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައިވެސް ރައްޔިތުން އެދިވަޑައިގަންނަވާ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މަހިބަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫންކަމަށާއި، މުޅި ސަރަޙައްދަށް އެފައިދާލިބޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީ ވެގެންދާ ތަނަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ އުމްރާނީ ތަރައްގީގެ އިތުރުން، މާނަވީ ތަރައްގީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ކުރައްވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.