ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ، ސައިބަރސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވެފައިވާތީއާއި، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ ޢަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، ސައިބަރކްރައިމްއާއި އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ބިލުގެ ދަށުން، އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާއި، ޕްރިޒަރވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭގޮތުންނާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާ ގުޅޭގޮތުންނާއި، ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ޓަކައި އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުންނާއި، ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓްކުރުމާ ގުޅޭގޮތުން ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތައް ކަނޑައަޅައި، ގާނޫނުގެ އެބައިތަކަށް އިސްލާހު ގެނެސްފައިވެއެވެ.

އަދި ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޓަކައި، 7/24 ނެޓްވަރކެއް ގާއިމުކޮށް، އެ ނެޓްވަރކުން ފޯރުކޮށްދެވޭ އެހީތެރިކަމުގެ ތެރޭގައި ހިމެނޭނެ ކަންކަން މި ބިލުގައި ކަނޑައަޅައިފައިވެއެވެ.