ގަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝައިހު މުހައްމަދު ބިން ޢަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ގަތަރުގެ އަމީރާއި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި ފަހުރުވެރި މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ އިސް ބޭފުޅުންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި ދެ ޤައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ގާއިމުވެ ތިބެވޭނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުން ގަތަރުން އަދާކުރާ ދައުރު ފާހަގަކުރައްވައި، ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ، ގަތަރުގެ އަމީރާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ގަތަރުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުންވެސް އެމަނިކުފާނު ވަނީ ގަތަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

