ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންނަން ގޯތި ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ސަސްޕެންޑް ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ، ގޯތި ދޫކުރުމާ ގުޅޭ މައްސަލައިގެ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، ތަހުގީގު ނިމި އެ ބޯޑުން ވަކި ގޮތެއް އަންގަންދެން، އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި، ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
އަދި އެޗްޑީސީގެ އެމްޑީ ފަޒުލް، ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އުސޫލުން ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ފަޒުލް އިއްޔެ ދޮގު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

