އިތުރު 14 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ބޭނުންވާ ސާމާނު ޔޫތު މިނިސްޓްރީން ފޯރުކޮށްދީފިއެވެ.

Ads by Asuru

މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ސާމާނު ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ.  ރަށްތަކުގެ ފަރާތުން ސާމާނުތަކާ ހަވާލުވީ ދާއިރާތަކުގެ މިޖިލިސް މެމްބަރުންނާއި، ރަށު ކައުންސިލްތަކުގެ މެމްބަރުންނެވެ.

ޕާކު ސާމާނުތައް ހަވާލުކުރި ރަށްތަކަކީ، ށ.ކަނޑިތީމު، މާއުނގޫދޫ، ނަރުދޫ، ނ.މަގޫދޫ، ބ.ކަމަދޫ، ދަރަވަންދޫ، އއ.ބޮޑޫފުޅަދޫ، ދ.ރިނބުދޫ، މީދޫ، ތ.ތިމަރަފުށި، ގާދިއްފުށި، ގުރައިދޫ، ހދ.ނޭކުރަންދޫ އަދި ލ.މުންޑޫއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މިހާތަނަށް ގާތްގަނޑަކަށް 130 ރަށަށް ޕާކުގެ ސާމާނު ފޮނުވުނު ނަމަވެސް، މަސައްކަތް ނިންމާލެވިފައިވަނީ ގާތްގަނޑަކަށް 30 ރަށުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެދުމަކީ ބޮޑު ހަރަދުނުކޮށް، ވީހާވެސް އަވަހަކަށް ޕާކުތައް އެޅުން ކަމަށެވެ.