ފޯޖަރީގެ ތުހުމަތުކޮށް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައ ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. މައްސަލައިގެ ތަހުގީގަށް، އިއްޔެ ފުލުހުން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފީސް ވެސް ބަލައި ފާސްކޮށްފައެވެ.
ފޯޖަރީގެ ތުހުމަތު ކުރެވޭ ފަޒީލް މިއަދު ވަނީ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީކަމުން ސަސްޕެންޑު ކޮށްފައެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލްއަށް ބިންވެރިޔާ ސްކީމްގެ ގޯތީގެ ރަޖިސްޓްރީ ލިބުނުކަމުގެ ސައްހަ ނޫން ލިޔުމެއް ވަނީ ހަދައިފައެވެ. އެ ލިޔުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް، ފަޒީލް އަށް ގޯތި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން އެޗްޑީސީއަށް އަންގައިފައިވެއެވެ. އެކަން އެންގީ، ފަޒީލް އަށް ލިބުނު ކަމަށް ހެދި ގޯތީގައި ވަށާފާރު ރާނަން ދެ ފަރާތަކުން އެދުމުން، އެޗްޑީސީން އެކަން ސާފު ކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

އުސޫލުން ބޭރުން ގޯތި ދިން މައްސަލަ ފެންމަތިވުމުން ފުލުހުން ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑު އެއްކޮށް މިއަދު ވަނީ ސަސްޕެންޑު ކޮށްފައެވެ.