ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކުން، ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން ސާފުވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު އެހެން ވިދާޅުވީ، ”ބިންވެރިޔާ“ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ގޯތީގެ ރަޖިސްޓްރީއެއް ދިން މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
މި މައްސަލަ ބަލަމުން އަންނައިރު، ފަޒުލް އާއި އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު (ޑީޑީ) ފިޔަވައި، ބޯޑުގެ އެހެން މެމްބަރުންގެ އިތުރުން އެޗްޑީސީގެ އިސް އެހެން މުވައްޒަފުންތަކެއް ވެސް ސަސްޕެންޑު ކޮށްފައިވެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް ފުރުސަތެއް ރައީސް މުއިއްޒުގެ ސަރުކާރުން ނުދޭކަން ރައީސްގެ ނިންމުންތަކުން ސާފުވާނެކަމަށެވެ.
ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކަށް ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާތަކުންނާއި ރައްޔިތުން ވެސް ނޫނެކޭ ބުނެގެން ކަމަށާއި އެ ހިތްވަރު އެންމެންގެ ކިބައިގައި ހުންނަންވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެކަމެވެ.
ފޯޖުކޮށްފައިވާ ލިޔުމެއް ބޭނުންކޮށްގެން ގޯތި ހޯދި މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ. މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ޕީޖީ ވެސް ވަނީ އަމުރު ކުރައްވައިފައެވެ.


ޝަރީފަށް ވަރރަށް ބޮޑު އޮޅުމެއް ކިތަށް ދުވަސް ވެއްޖެތޯ މިއަދުތޯ ފިޔަވަޅު އަޅުއްވަންވީ ކުރީގެ ޗެޔާމަން އިސްތިއުފާ ދެއވިފަހުން ކިތަށް ދުވސްތޯ ؟