މާލޭ އަލިކިލެގެފާނު މަގުގައި އިއްޔެ ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ހައްޔަރުކޮށްފައިވަނީ ވ. ފިޔަބަރި/ ހަސަން އިސާމް، 30އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލުވެސް ވަނީ ޓޯކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުން އަންހެން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަންނަން އުޅެފައިވަނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ފިރިހެނެކެވެ. އޭނާ ހުރީ ހެލްމެޓް އަޅައިގެންނެވެ.

ނަމަވެސް ފަށް އަތުނުވުމުން  މަގު މެދުގައި ސައިކަލު ބަހައްޓާފައި އަންހެން މީހާގެ އަތުން ފޭރެން މަސައްކަތް ކުރިއެވެ. އެ ވަގުތު ފިރިހެން މީހާގެ ކިބައިން ސަލާމަތްވާން ސައިކަލު މަގުމައްޗަށް ވައްޓާލާފައި އެ ތަނުގެ ކައިރީގައި ހުންނަ ގެއަކަށް އަންހެން މީހާ ވަންނަ ތަން ވީޑިއޯ އިން ފެނެއެވެ.

އަންހެން މީހާގެ ފަހަތުން އެ ގެއަށް ވަންނަން ފިރިހެން މީހާ މަސައްކަތްކުރި ނަމަވެސް އެ ސަރަހައްދަށް މީހުން ގިނަވާން ފެށުމުން ފިރިހެން މީހާ ފަހުން ވަނީ ސައިކަލުގައި އެތަނުން ފިލައިފައެވެ.