ސަރުކާރުގެ އިސްވެރިއަކު ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ، ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސް ކުންފުނިތަކުގެ ވެރިންނަށް މިކަން އަންގަވާފައިމިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންނަށް ބިންވެރިޔާ ސްކީމުގެ ޝަރުތު ހަމަނުވާ ސަރުކާރު ކުންފުންޏެއްގެ ވެރިއެއް ލިޔުމެއް ގޯތި ލިބިފައިވާކަމުގެ ލިއުމެއް ހުށަހެޅުއްވި މައްސަލައިގައެވެ.
މިމައްސަލައިގެ ޖިނާޢީ ތަހުގީގެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދަނީ ހިންގަމުންނެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް މީހަކަށް ކަމެއް ކޮށްދީފިނަމަ ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފިކަން އެމަނިކުފާނަށް އެނގޭ ހިސާބުން އަޅަންޖެހޭ ފިޔަވަޅު އެމަނިކުފާނު އަޅުއްވާނެ ކަމަށެވެ.
އަދި ކޮރަޕްޝަން އެއްވެސް ގޮތެއްގައި ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ”ޒީރޯ ޓޮލަރެންސް“ ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
”އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފު އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތުދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދިނުން ފަދަ ކަމެއް ކޮށްދީފިނަމަ ނޫންނަމަ އެފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން، ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން“ ރައީސް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ރައީީސް މުއިއްޒު ވަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ގެންގުޅުއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

