ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކާއެކު ފަލަސްޠީނުގެ ޣައްޒާ ގަބުރުސްތާނަކަށް ބަދަލުވެފައިވާ ކަމަށް ހާލުގައި ޖެހިފައިވާ ފަލަސްތީނުގައި މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ)ގެ ސީނިއަރ އިމަޖެންސީ އޮފިސަރު، ލުއީ ވަޓަރިޖް ވިދާޅުވެއްޖެއެވެ.
ޣައްޒާގެ މެދުތެރޭގެ ނުސެއިރަތުގައި ހުންނަވައި މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ޣައްޒާގައި ދެ މިލިއަން މީހުން މިވަގުތު ތާށިވެފައި ތިބި ކަމަށާއި، އެމީހުން ދިރިއުޅެން އެކަށީގެންވާ މާހައުލެއް ނެތް ކަމުގައެވެ.
ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދަނީ އެންމެ އަސާސީ ބޭނުންތައް ނުފުއްދޭ ހާލަތުގައި ކަމަށާއި، އެމީހުންނަށް ކޮންމެ މަގަކުން ވެސް ދަތުރު ކުރެވެނީ މަރާހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަހޫދީން ގެންދަނީ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތް ހޯދާ ރެފިއުޖީ ކޭމްޕުތަކަށް ވެސް ހަމަލާތައްދީ، އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.
ހުކުރު ދުވަހު އެކަނި ވެސް، އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި 77 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

