ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ ފުލުހުންނާ ހިއްސާ ކުރަން އެދިއްޖެއެވެ.
ފުލުހުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، މިހާރު އެ އިދާރާއިން ހިންގަމުންދާ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، evidence.police.gov.mv އަށް ވަޑައިގެން ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވީއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދުގައި އެކި ގޮތް ގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއަށް އައްޔަން ކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުއާމަލާތްތަކެއް ކަމަށެވެ.
”ބިންވެރިޔާ“ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވެގެންދިޔުން އެދޭ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން އެދިވަޑައިނުގަންނަވާ ކަމަށް ފަޒުލްގެ ސިޓީގައިވެއެވެ.


ތިޔައީ އިތުބާރުގެއްލިފައިވާބައެއް