ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ހިޔާނަތް ހިންގަމުންދާ ކަމަށް ބުނެ، އެ ކުންފުނީގެ ކުރީގެ ޗެއާޕާސާން އަހުމަދު ޒުހޫރުގެ ސިޓީއެއް ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިގެންފައިވާނަމަ، އެ މައްސަލައެއް ޔަގީނުން ވެސް ބައްލަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ އެފަދަ މައްސަލަތަކުގައި އެކި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

”އަޅުގަނޑު ވެސް ތިވާހަކަ އަޑުއެހުން، އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތިވިދާޅުވާ ސިޓީއެއް އައިސްފައި ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނުނަމަ އަޅުގަނޑު ޔަގީނުން ވެސް އެއަށް އަމަލުކުރާނަން ނޫނީ ބަލާނަން.“ ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ބޭނުންފުޅު ވަނީ މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިންގާ ކަންކަމުން ދުރުވެފައިވާ ސަރުކާރަކަށް ހެދުން ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެޗްޑީސީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފައިވާއިރު، އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފު ޖަމީލު ވަނީ އައްޔަނު ކުރައްވައިފައެވެ.