”ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް“ އާންމުކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، އާ މިންގަނޑު އާންމުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި އަސާސްތަކާއި މިންގަނޑުތަކަކީ ރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ އަސާސެކެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މި ސަރުކާރުން މޯލްޑިވްސް ޒަކާތު ހައުސް އުފެއްދި މަތިވެރި މަގްސަދު ހާސިލްވަމުން އަހްނަ ކަމަށެވެ.

އަދި އާންމުކުރި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށް ވިދާޅުވިއެވެ.

ޒަކާތު ހައުސްއިން އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސައްހަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއުއާއި ގިޔާސްއާއި އިސްލާމީ ފިޤްހުގެ ޤަވާޢިދުތަކާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތަކުގެ އަލީގައްޔާއި ބައިނަލްއަގްވާމީ އިސްލާމީ ފިގުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސުތަކުގެ ޤަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ގައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން އަމަލުކުރަމުންދާ ފިގުހީ އުސޫލުތަކަށް ބަލައިގެންނެވެ.