ސަރުކާރުގެ މަގާމުތަކަށް މީހުން ޢައްޔަން ކުރައްވަނީ ވައްކަން ކުރުމަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެޗްޑީސީގެ ހިޔާނާތާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަޤާމުތަކަށް މީހުން ޢައްޔަން ކުރައްވަނީ ކޮރަޕްޝަން ހިންގުމަށް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަގާމުތަކަށް މީހުން އައްޔަން ކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ.
”އެކަމަށް ހުރަސް އެޅޭ ގޮތަށް ކަމެއް ކުރާކަމަށް ޤަބޫލު ކުރެވޭނަމަ އަޅުގަނޑު އެމީހަކު އެތަނުން ދުރުކުރާނަން. ނޫނިއްޔާ އެކަން ހުއްޓުވާނަން،“ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ.
އަދި މިނިސްޓްރީއެއް، ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގައި ވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

