ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް މުއާޒު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށް ދެއްވައި އިސްތިއުފާގެ ސިޓީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާ އެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށް ދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ ކުންފުނިތަކަކީ ލިބޭ އާމްދަނީން ހިންގަން ޖެހޭ ތަންތަން ކަމަށް ވިޔަސް ފެނަކައިގެ މާލީ ހާލަތު އޮތްގޮތުން އެކަން އެގޮތަށް ކުރަން ފެނަކަ އަށް ދަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޭގެ ސަބަބުތަކުގެ ތެރޭގައި ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުން ހިމެނޭ ކަމަށެވެ.
ސިޓީގައި މުއާޒު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުންފުންޏާ ހަވާލުވި އިރު 4.3 މިލިއަންގެ ރުފިޔާގެ ދަރަނި އޮތުމާއި ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރަން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައި ނުވުން ހިމެނޭ ކަމަށެވެ.
”މި ކުންފުނީގެ ބެލެނިވެރި ފަރާތް ކަމަށްވާ މާލީ ވުޒާރާ އަށް މިކަންކަމުގައި ހުރި ދަތިތަކާއި އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށް، ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ވާނީ ދެންނެވިފައި،“ ސިޓީގައި މުއާޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމު ވާން ޖެހުން އެއީ އޭގެ ސަބަބުން އޭނާއާއި ކުންފުންޏާއި އަދި ރައީސުލްޖުމްހޫރިއްޔާއަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތައް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.
އެހެންވެ ފެނަކަ އަށް ލިބޭ އާމްދަނީ އަށް ވުރެ، ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތުގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީ އިސްތިއުފާ ދެއްވަން ނިިންމެވީ ކަމަށް މުއާޒު ވިދާޅުވިއެވެ.

