”90 ޕްލަސް ގޯލްޑް ކަޕް 2024“ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބ.އޭދަފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރި މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.

0-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، ”90 ޕްލަސް ގޯލްޑް ކަޕް 2024“ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީ ޓީމެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސްއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ފައިނަލް މެޗުގައި ބ. އޭދަފުށި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޯލުޖެހި ބޯޅައިގައި ސޮއިކުރައްވާފައެވެ.

”90 ޕްލަސް ގޯލްޑް ކަޕް 2024“ ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ، ހިންގި ފުޓްބޯޅަ މުބާރާތެކެވެ.

މިދިޔަ މަހުގެ 20 ގައި ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 17 ޓީމަކުން ވާދަކުރިއެވެ.

ގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު، އައު ކުޅުންތެރިންތަކަކަށް ލިބިގެންދިޔައެވެ.