”ބިންވެރިޔާ“ ސްކީމްގެ ދަށުން ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާތަކުން ކަނޑައިލި 15 މުވައްޒަފުންނަށް އަލުން ވަޒީފާ ދީފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އެޗްޑީސީން ވަޒީފާ އިން ވަކި ކުރު މުވައްޒަފުންގެ ތެރޭގައި ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ހިމެނެއެވެ.

އެ މީހުންގެ ވަޒީފާ މިހާރު ވަނީ އަލުން ރުޖޫއަކޮށްފައެވެ.

އެ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަން ފެށީ، ކުރިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒީލް ރަޝީދަށް ނުހައްގުން ”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯއްޗެއް ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވައި އެހެން ހުރިހާ ޑިރެކްޓަރުން މިދިޔަ ބުރާސްފަތި ދުވަހު ޕީސީބީން ސަސްޕެންޑްކޮށްފައި ވަނިކޮށް، ފަޒުލް ވަނީ ބުރާސްފަތި ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ އެޗްޑީސީގެ އެމްޑީއަކަށް މައުރޫފް ޖަމީލު އައްޔަންކޮށްފައެެވެ.